އިސްތިއުފާ ދެއްވުން ނޫން ފުރުސަތެއް ރައީސަށް މާދަމާ ނުދެއްވާނަން: އަލީ ވަހީދު
By Unknown - Sunday, March 3, 2013
ރިޔާސީ ބަޔާން އިއްވުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް މުހައްމަދު ވަހީދު މައާފަށް އެދިވަޑައިގެން އިސްތިއުފާ ދެއްވުން ނޫން ފުރުސަތެއް އެ މަނިކުފާނަށް ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅުމަށްޓަކައި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މިއަދު ނިންމި ނިންމުންތަކުގެ ތަފްސީލް ދެއްވުމުގެ ގޮތުން ރާއްޖެ ޓީވީގައި އަލީ ވަހީދު ވިދާޅުވީ ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވީ ބަޣާވާތް ކުރައްވައިގެން ކަމަށާއި އެހެންވެ މަޖިލިސް ހަރާބުކުރެއްވުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެ ބޭފުޅުންގެ ފުރާނަ ހަށީގައި ހުއްޓައި އެ ފުރުސަތު ރައީސް ވަހީދަށް ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިމޭނުން ތިބޭނެ ގޮތެއް އެބަ އޮތް. އެއީ އެ ބޭފުޅާ މައާފަށް އެދިވަޑައިގެންފައި އެ ބޭފުޅާ މާދަމާ އިސްތިއުފާ ދެއްވުން. އެ ބޭފުޅާ އިސްތިއުފާ ދެއްވާފައި މާދަމާ މައާފަށް އެދިވަޑައިގަންނަވަންވީ، އޭރުން އެ ބޭފުޅާ އަށް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ތެރޭގައި ވަރަށް އެސްކޭޕް ރޫޓެއް،" ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވި އެވެ.
ރައްޔިތުންނަށް ރައީސް ވަހީދު ނުފެންނަ ވަރަށް އަދި ދައްކަވާ ވާހަކަ ވެސް އަޑު ނީވޭ ވަރަށް މާދަމާ މަޖިލީހުގެ ތެރޭގައި އިހްތިޖާޖުކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ވެރިކަން ބަދަލުވި ގޮތާބެހޭ ގޮތުން ކުރިން އެނގިފައި ނެތް އެތައް ކަމެއް މިހާރު ފަޅާއަރާފައިވާ ކަމަށާއި މާދަމާއަކީ އެކަންކަމަށް މައާފަށް އެދިވަޑައިގަތުމަށް ރައީސް ވަހީދަށް ލިބިވަޑައިގަންނަވާނެ އެންމެ ފަހު ފުރުސަތު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެ ފުރުސަތު ބޭނުންފުޅު ނުކުރައްވައިފި ނަމަ "ގެއްލިގެން ދާނީ ހަމައެކަނި ވެރިކަމެއް ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލި، ކޮށި ދަނޑުވެސް ގެއްލޭ ހިސާބަށް އަޅުގަނޑުމެން މިހާރު ހުރީ ކަންކަން ރާވާފައި،" އަލީ ވަހީދު ވިދާޅުވި އެވެ.
މި މާޗް މަހުގައި އެމްޑީޕީން ނަތީޖާ ހޯދާނެ ކަމަށާއި މިއީ "ރިޔާސީ އިންތިހާބުގެ ނަތީޖާ ނެރޭ މަސް" ކަމަށް ވެސް އަަލީ ވަހީދު ވިދާޅުވި އެވެ.
މާދަމާގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ވަޑައިގަންނަވާނީ މިދިޔަ އަހަރުގެ ފެބްރުއަރީ 7 ގައި ފުލުހުންގެ ގާނޫނާ ހިލާފަށް އަމަލުކުރި ސިފައިންގެ ފޮޓޯ ހިއްޕަވައިގެން ކަމަށާއި، ސިފައިން އެމްޑީޕީގެ މެމްބަރުންނާ ކުރިމަތިލުމަކަށް ހިނގައްޖެ ނަމަ ކުރިމަތިލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
މިދިޔަ އަހަރު މާޗް 1 ގައި ރިޔާސީ ބަޔާން އިއްވުމަށް އެމްޑީޕީން ހުރަސް އަޅައި ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި މަޖިލީހުގެ ތަކެއްޗަށް ގެއްލުން ވެފައި ވާއިރު މާލެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވެ އެވެ.
Follow our blog on Twitter, become a fan on Facebook. Stay updated via RSS
0 comments for "އިސްތިއުފާ ދެއްވުން ނޫން ފުރުސަތެއް ރައީސަށް މާދަމާ ނުދެއްވާނަން: އަލީ ވަހީދު"